ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ ނިންމަވާލެއްވީ ގަވާއިދާއި ހިލާފަށްކަމަށް ސަރުކާރު ފެކްޝަނުގެ މެންބަރުން ކުރައްވާ ތުހުމަތަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ރައްދު ދެއްވައިފި އެވެ.
ސަރުކާރުން ފޮނުވާފައިވާ ޓެކްސް ބޮޑު ކުރުމުގެ އިސްލާހު އިއްޔެގެ ޖަލްސާގައި ފާސްކުރަން މެމްބަރުން ނިންމައިގެން ތިއްބަވަނިކޮށް، އެ ވަގުތު ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފު ވަނީ "ވޯޓަށް އެހުމަށް ބޭނުންވާ ކޯރަމް ހަމަ ނުވާ" ކަމަށް ވިދާޅުވެ ކުއްލިއަކަށް މަޖިލިސް ނިންމާލައިފަ އެވެ.
އެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވައި އެމްޑީޕީ އަދި އެމްއެންޕީގެ ބައެއް މެމްބަރުން ވެސް ވަނީ ރިޔާސަތުން ގަވައިދާ ހިލާފަށް އަމަލުކުރި ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
އަފީފު ދިފާޢުކުރައްވާ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ، ޖަލްސާ ނިންމާލެއްވީ ރަނގަޅަށްކަމަށެވެ. މަޖިލީހުގެ ޖަލްސާ ނިންމާލައްވަނީ ހަމްދު ކިޔުމަށްފަހުކަމަށާއި، އެގޮތަށް ނިންމާލެއްވީ ބިލުގެ ތިންވަނަ ކިޔުން އިއްވާފައި ނުވާތީަކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވުމުން، އިއްޔެ އެ މައްސަލާގައި ހިތްހަމަޖެހިވަޑައިނުގެން މަޖިލީހުގެ ރިޔާސަތުގެ އިށީނދެވަޑައިގަތް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ނިޒާމީ މައްސަލައެއް ނެންގެވި އެވެ. ޝަރީފު ވިދާޅުވީ، އަފީފު ތިން ގޯހެއް ހެއްދެވި ކަމަށާއި އެއް ކަމަކީ ކޯރަމް ހަމައަށް އޮއްވައި ކޯރަމް ނެތް ކަމަށް ވިދާޅުވުން ކަމަށެވެ. ނަމަވެސް ނަޝީދުވަނީ ޝަރީފްގެ ވާހަކަ ހުއްޓުވާފަ އެވެ.
ނަޝީދު ވިދާޅުވީ ޝަރީފު މަޖިލީހުގެ ރިޔާސަތުގެ ގޮނޑީގައި އިށީނދެވަޑައިގަތް މަންޒަރު ފެނިވަޑައިގަތް ކަމަށާއި އެއީ ގަވައިދާ އުސޫލުތަކާއި އަދި ހުރިހާ ހަމަތަކާ ވެސް ހިލާފަށް ކުރެއްވި ކަމެއް ކަމަށެވެ.
"މަޖިލީހުގެ ރިޔާސަތަކީ މަޖިލީހުގެ މެންބަރުން ވޯޓު ދެއްވައިގެން ކަނޑައަޅާ ކަމެއް. މަނިކުފާނު އެކަން ނުކުރައްވައި، މި ތަނުގެ ރިޔާސަތުގައި އިށީންނެވިކަން އެއީ ވަރަށް ބޮޑު ހިތާމައެއް،" ނަޝީދު ވިދާޅުވި އެވެ.