އަމީނީ މަގު ޒަމާނި ފެންވަރަށް ތަރައްގީ ކުރުމަށް މީގެ ކުރިން ކުރި ޕްލޭގައި ވަނީ މަގުގައި ހުރި ބޮޑެތި ގަސްތައް ނުކަނޑައި އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ކަމަށް މާލެސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ގަސް ކަނޑަމުންދާގޮތުން ކަންބޮޑުވުން އެބަ އޮތް ކަމަށެވެ.
"ކުރީގައި ޕްލޭންގައި ނޯވޭ އެމަގު އެހެރަ ގަސްތައް ނަގާ ގޮތަކަށް. މަޖީދީ މަގުވެސް އެ އޮތީ ކުރިން ހަދާފައި. ގަސް ތަކެއް ނުނަގާ. އެހެން ނަމަވެސް ނަގަން ޖެހިދާނެ ގަހެއް ހުރެދާނެ. އެކަމަކު ހުރިހާ ގަހެއް ނަގައިގެން އަނެއްކާ އަލުން ބަލުން ހުރިހާ ގަހެއް އިންދަން ޖެހުމަކީ އަޅުގަނޑު ހިތުން އެއީ އެއް ނޫން ކަންނޭނގެ އެކަން ވާންޖެހޭނެ ގޮތަކީ،" މޭޔަރު ވިދާޅުވި އެވެ.
މުޢިއްޒު ވިދާޅުވީ، އަމީނީ މަގުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އާރްޑީސީ އާއެކު އެބަސްވީ ސިޓީ ކައުންސިލާއި އެކު ހެދި އެއްބަސްވުމުގެ ދެ ގުނަ ބޮޑުކޮށް ކަމަށެވެ.
އެހެން ނަމަވެސް އެކަމުގައި، އާރްޑީސީއަށް އެއްބާރުލުން ދެމުންދަނީ، މާލޭގެ ތަރައްގީއަށް ކުރާ މަސައްކަތްތަކުގައި އެހީވާން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް މުޢިއްޒު ވަނީ އަމީނީ މަގު ހެދުމުގައި މަގުގެ ފުޅާމިން ހަނިވާ ގޮތަށް ހަދަމުންދާތީ ވެސް ކަންބޮޑުވުންފާޅުކޮށްފަ އެވެ.
މުއިއްޒު ވިދާޅުވީ އާރްޑީސީން މީގެ ކުރިން ހެދި މަގުތަކުގައި ވެސް، މަގުގެ ފުޅާމިން ދެ ފޫޓު ނުވަތަ ދޮޅު ފޫޓު ހަނިކޮށް ހަދާފައިވާ ކަމަށާ، އެކަން އެގޮތަށް ނުކުރުމަށް، ރޯޝަނީ މަގު ހަދާ ނިމުމުން ވެސް އާރްޑީސީ އާއެކީ ނިންމަވާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ނިންމެވުން، ޕްލޭނިން މިނިސްޓްރީއާއި އެކު ނިންމާފައި ނުވާކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އެގޮތަށް ނިންމަވާފައި ނެތުމުން ކުރީގެ ޑިޒައިނަށް އެކަން ކުރެވެމުންދާ ކަމަށާ، އޭގެ ސަބަބުން ތިން ފޫޓު މަގުން ހަނިވެގެންދާ ކަމަށެވެ.