ވިޔަފާރި ބަނދަރުތަކަކީ ގައުމެއްގެ އިގްތިސާދީ އެންމެހައި ޙަރަކާތްތަކުގެ މައިބަދަ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ 36 ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހެންވޭރު ބޯޅަދަނޑުގައި ބޭއްވި މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ މި ސަރުކާރުން ވިޔަފާރި ބަނދަރު ތަރައްގީކޮށް އިގްތިސާދީ ދުވެލި ބާރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައިފަ އެވެ. އެގޮތުން އެމަނިކުފާނު ވަނީ ކުޅުދުއްފުއްޓާއި ހިތަދޫގައި ތަރައްގީކުރަމުންދާ ބަނދަރު ނިމުމުން ރާއްޖޭގެ އިމްޕޯޓް / އެކްސްޕޯޓްގެ ހަރަކާތްތައް މިހާރަށްވުރެ ފުޅާވެ، ރަށްރަށުގެ ވިޔަފާރިއަށް ވަރަށް ބޮޑު ދިރުމެއް އަންނާނެކަން ފާހަގަކުރައްވައިފަ އެވެ. އަދި ގދ. ތިނަދޫގައި ވެސް ސަރަހައްދީ ބަނދަރެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން ވެރިރަށް މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތައް ތަފްސީލުކޮށް އެމަނިކުފާނު ވިދާޅުވެ ދެއްވެވި އެވެ. އެގޮތުން މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަން ހައްލުކުރުމަށް ގުޅިފަޅުގައި ހަދާ ބަނދަރަށް ބޭނުންވާ ބިމުގެ އެއްބައި ހިއްކާ ނިމިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"ގުޅިފަޅަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމުން، ބަނދަރުގެ ހަރަކާތްތައް ހަލުވިވެ، ހިދުމަތްތައް އަވަސްވެގެންދާނެ. އަދި މާލެ ސަރަޙައްދުގައި ހުރި ބަނދަރުތަކާއި ގުދަންތައް ގުޅިފަޅަށް ބަދަލުކުރެވޭނެ. އަޅުގަނޑުމެން ގުޅިފަޅުގައި ބަނދަރު ތަރައްޤީކުރަނީ، މާލޭ ވިޔަފާރި ބަނދަރާއި، މާލޭ އުތުރު ބަނދަރާއި މާލޭގެ ދެކުނު ބަނދަރުގެ ޙަރަކާތްތަކަށް ވެސް ޖާގަ ލިބޭ ވަރަށް" އެމަނިކުފާނު ވިދާޅުވި އެވެ.
މި މޭރުމުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ތިލަފުށީގައި މިހާރު ތަރައްގީކުރަމުން އަންނަ ބަލްކް ޓާމިނަލް، މަޝްރޫއު ނިމުމުން މިހާތަނަށް މާލޭގެ ވިޔަފާރި ބަނދަރުން ނުދޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެމްޕީއެލް އިން ތައްޔާރުވަމުންދާކަމުގައި ވިދާޅުވެފަ އެވެ. އެގޮތުން ހިލަޔާއި ހިލަވެލި އެތެރެކުރަން ބޭނުންވާ ވިޔަފާރިވެރިންނަށް ވެސް އަދި އާންމުންނަށް ވެސް ވަރަށް ބޮޑު ފަސޭހަތަކެއް ލިބޭނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މިގެ އިތުރުން ވެސް މި ބަނދަރުތައް ތަރައްގީކުރުމުން ލިބިގެންދާނެ ފައިދާތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ މާލޭގެ ތޮއްޖެހިފައިވާ އާބާދީގެ ތެރޭގައި ހިންގާ ސިނާއީ ބޮޑެތި ހަރަކާތްތައް މަދުވާނެކަމަށާއި، މިހާރު މާލޭގައި ހިންގާ ބަނދަރުތަކުގެ ބިންތައް، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އެހެން ޚިދުމަތްތަކަށް ބޭނުންކުރެވޭނެ ގޮތް ވެގެންދާނެ ކަމަށެވެ.
މި ޖަލްސާގައި ރައީސް ވަނީ އެމްޕީއެލްގެ މުވައްޒަފުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ އެބޭފުޅުންނަށް ޝުކުރުއަދާކުރައްވައިފަ އެވެ. އަދި އެމްޕީއެލްގެ މުވައްޒަފުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައިވެ އެވެ. އެގޮތުން އެމްޕީއެލްގެ މުވައްޒަފުންނަށް ތަރައްޤީކުރާ ފްލެޓްތަކުގެ އަގާ މެދު މުވައްޒަފުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރައްވާ އެކަމާ ގުޅިގެން އެމަނިކުފާނު ވަނީ ކުންފުނީގެ ވެރިންނާ މަޝްވަރާ ކުރައްވާފައިވާކަން ފާހަގަކުރައްވައިފަ އެވެ. އަދި އެމަނިކުފާނު އުންމީދު ކުރައްވާ ގޮތުގައި ކުންފުނީގެ ބޯޑުން މިހާރު ނިންމާފައިވާ ނިންމުމުން، އެމްޕީއެލްގެ މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވަނީ މާލޭގެ ވިޔަފާރި ބަނދަރުގެ ތަރައްގީއަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް އިތުރަށް ހަލުވިވެ، އަދި ދިވެހިންގެ އަތްމަތި ތަނަވަސްވެ، ފުދުންތެރި ދިރިއުޅުމަކަށް މަގު ފަހިވެގެން ދާނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފަ އެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "ލޯންގް ސަރވިސް އެވޯޑްސް" އެމްޕީއެލްގެ 12 މުވައްޒަފަކަށް ޙަވާލުކޮށްދެއްވައިފަ އެވެ. އަދި މި ޖަލްސާގައި އެމްޕީއެލްގެ ފަރާތުން ރައީސަށް ވަނީ ޕޯޓްގެ މޮޑެލްއެއް ވެދުމަށް އަރުވައިފަ އެވެ. މީގެ އިތުރުން މި ޖަލްސާގައި ޕޯޓް ކޮމިއުނިޓީ ފަންޑް އިފްތިތާޙްކުރުމާއި، ޖޮބް ޕޯޓަލް، ސްޓާފް މޯބައިލް އެޕްލިކޭޝަން އިފްތިތާޙްކުރުމާއި، ސްކޮލަރޝިޕް ޙަވާލުކުރުން ކުރިއަށްދިޔަ އެވެ.