ސަރުކާރުން ހުޅުމާލޭގައި ކުރިއަށްގެންދާ އިޖުތިމާއީ ތަރައްގީގެ މަޝްރޫއުތަކުގެ ސައިޓްތަކަށް ނައިބު ރައީސް ފައިސަލް ނަސީމް ޒިޔާރަތްކުރައްވައި އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވައިފި އެވެ.
މިއަދު މެންދުރުފަހު ނައިބު ރައީސް ހުޅުމާލެއަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ހުޅުމާލެ ފޭސް 2 ގައި ބިނާކުރަމުންދާ ފެމިލީ ކްލިނިކަށް ވަޑައިގެންފަ އެވެ. އަދި ހުޅުމާލެ ފޭސް 1 އަދި ހުޅުމާލެ ފޭސް 2 ގައި "ވޯލްޑްކަޕް 2022" ގެ މެޗްތައް އާންމުންނަށް ބެލޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ހަމަޖެހިފައިވާ ތަންތަން އެމަނިކުފާނު ވަނީ ބައްލަވާލައްވާފަ އެވެ. ހަމަ އެއާއެކު، ހުޅުމާލެ ހޮސްޕިޓަލުގައި ބިނާކުރަމުންދާ މެންޓަލް ހެލްތް ސެންޓަރަށް އެމަނިކުފާނު ވަނީ ޒިޔާރަތްކުރައްވައިފަ އެވެ.
މީގެ އިތުރުން ނައިބު ރައީސް ވަނީ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ހުޅުމާލެ ބްރާންޗަށް ދޫކޮށްފައިވާ ބިމުގެ ސަރަޙައްދަށާއި، ހުޅުމާލޭގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ ހުޅުމާލެ ސައިޓަށާއި، ހެވީ ވެހިކަލް ޕާކިން ސައިޓަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ހުޅުމާލެ ފޭސް 2 ގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކާއި އެންމެ ކައިރި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ބަސް ސްޓޭޝަންއަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލައްވާފަ އެވެ.
ހުޅުމާލެ ފޭސް 2 ގައި ފެމިލީ ކްލިނިކް ހެދުމަށް ހުޅުމާލެ ހޮސްޕިޓަލަށް، ހިޔާ ޓަވަރު H16، ގްރައުންޑް ފްލޯއިން 3456.18 އަކަފޫޓު ހަވާލުކުރައްވާފައިވަނީ 7 ސެޕްޓެންބަރު 2022 ގައެވެ. މި ކްލިނިކު އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ހުޅުމާލެ ހޮސްޕިޓަލާއި އެޗްޑީސީއިންނެވެ. އަދި މި މަސައްކަތް ކުރިއަށްގެންދިއުމުގައި ޕްލޭނިން މިނިސްޓްރީގެ ބައެއް މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އާބާދީއަށް ބޭނުންވާ ޞިއްޙީ ހިދުމަތްތަކާއި ސިއްހީ ރައްކާތެރިކަން ފޯރުކޮށްދިނުމާއި، ޤައުމީ ސިއްހީ ސިޔާސަތުތަކާއި، ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ދުޅަހެޔޮ މާޙައުލެއް ޤާއިމުކުރުމެވެ.
އަދި ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވުމަށް ތައްޔާރުވަމުންދާ މެންޓަލް ހެލްތް ސެންޓަރު ހުޅުވުމުން މިހާރަށްވުރެ ފުޅާދާއިރާއެއްގައި މި ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވޭނެއެވެ.