މާލެ ސަރަހައްދުން މާލެ މީހުންނަށް ޚާއްސަކޮށްގެން ގޯތި ދޫކުރާ އުސޫލަށް ބޮޑު ބަދަލެއް ގެނެސްފި އެވެ.
ގޯތި ދޫކުރުމުގެ އުސޫލަށް ލުޔެއް ދީފައި މިވަނީ އެ ކަމަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާން ބާކީ 10 ދުވަހަށް ވެފައިވަނިކޮށެވެ.
މިހާރު އޮތް އުސޫލުގައިވާ ގޮތުން، ގޯތި ދޫކުރާއިރު މާލެ ރައްޔިތެއްގެ ގޮތުގައި ބަލާނީ އެއްވެސް އިރެއްގައި މާލެ ނޫން އެހެން ތަނެއްގައި ރަޖިސްޓްރީވެފައި ނުވާ މީހުންނެވެ. މި އުސޫލަށް އަލަށް ގެނައި ބަދަލުގައިވާ ގޮތުން، މާލެ މީހުންކަމުގައި ވީ ނަމަވެސް ސަރުކާރުން ކަނޑައެޅި އުސޫލެއް ނުވަތަ ގަވާއިދެއްގެ ސަބަބުން ކުރިން އެހެން ތަނެއްގައި ރަޖިސްޓްރީވެފައި އޮތް ނަމަވެސް އެމީހެއްގެ މަންމަ ނުވަތަ ބައްޕަ އަކީ މާލެ މީހެއް ނަމަ އެ މީހަކީ މާލެ މީހެއްގެ ގޮތުގައި ބަލާނެއެވެ. ނަމަވެސް މި ބަދަލުގެ ދަށުން މާލެ މީހުންގެ ގޮތުގައި ބަލާނީ އެ މީހަކު މިހާރު މާލޭގައި ރަޖިސްޓްރީވެފައިވާ ނަމަ އެވެ.
މާލެ ސަރަހައްދުން ހަމައެކަނި މާލެ މީހުންނަށް ހިލޭ ގޯތި ދޫކުރާތީ އެކަމާ ގުޅޭގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް ދަފްތަރުގައި ތިބި މީހުންނާއި، މާލެ ސަރަހައްދުގައި ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅެފައިވާ މީހުންނަށް އެ ފުރުސަތު ނުލިބޭތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. މިހާރު އޮންނަ އުސޫލުން މާލެ ސަރަހައްދުން ދޫކުރާ ގޯއްޗަށް ކުރިމަތިލެވޭނީ ސީދާ މާލޭގެ ރައްޔިތުންނާއި، މާލެއަށް ހިޖުރަކުރި މީހުންގެ ދަރިންގެ ތެރެއިން މާލެއަށް އުފަން މާލޭގެ ދަފްތަރުގައި ޖެހިފައިވާ މީހުންނަށާއި މައިމުޅަ ވުމުގެ ސަބަބުން ދަފްތަރުގައި ޖެހެން މަޖުބޫރުވެފައިވާ މާލޭގެ ރައްޔިތުންނަށެވެ.
މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދެއްވުމަށް ދެސްކީމެއްގެ ދަށުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ވަނީ އިއުލާންކުރައްވާފަ އެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޯހިޔާވަހިކަމުގެ 60 މަޝްރޫއެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އޭގެ ތެރޭގައި ހިމެނެނީ ފްލެޓު ދޫކުރާ "ގެދޮރުވެރިޔާ" ސްކީމާއި ގޯތިދޫކުރާ "ބިންވެރިޔާ" ސްކީމެވެ. މީ ގެ ދަށުން ގިރާވަރު ފަޅު ހިއްކައިގެން 2،000 ގޯތި އަދި ހުޅުމާލެއިން 1،000 ގޯތި މާލޭގެ ރައްޔިތުންނަށް ދޫކުރުމަށްވަނީ ނިންމާފަ އެވެ. އަދި ހުޅުމާލޭގައި ކުރިއަށްދާ ހައުސިން މަޝްރޫއުތަކުން ވެސް މާލޭ ރައްޔިތުންނަށް 5،000 ހައުސިން ޔުނިޓް ދިނުމަށް ނިންމަވާ އިތުރު 2،000 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށް ވެސް ވަނީ ނިންމާފައިވެ އެވެ.
މީގެ ތެރެއިން 2،159 ހައުސިން ޔުނިޓުގެ މަސައްކަތް މި އަހަރުގެ ތެރޭގައި، އަދި 2023 ވަނަ އަހަރު 2،429 ޔުނިޓު ނިމޭނެ ކަމަށާއި 2024ގެ ނިޔަލަށް 3،361 ހައުސިން ޔުނިޓުގެ މަސައްކަތް ނިމި ރައްޔިތުންނަށް އޭގެ މަންފާކުރާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވެ އެވެ.