ފަނޑިޔާރުންގެ ގާނޫނަށް މިހާރު ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ފަނޑިޔާރުންގެ ކަންބޮޑުވުން ހުރި އިސްލާހުތަކަށް ހައްލު ގެނައުމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ނިންމައިފި އެވެ.
ފަނޑިޔާރުންނަށް ލިބިދޭ އިނާޔަތްތަކުގެ އޮނިގަނޑު އިސްލާޙް ކުރުމަށާއި އެނޫންވެސް ބައެއް މުހިންމު އިސްލާހުތައް ގެނައުމަށްޓަކައި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސަރުކާރުގެ ފަރާތުން ފޮނުވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ފަނޑިޔާރުންގެ ތެރެއިން ދިރިއުޅޭނެ އަމިއްލަ ތަނެއްނެތް ފަނޑިޔާރުނަށް އެފަދަ ތަނެއް ހޯދޭނެ މަގު ފަހިކޮށްދިނުން ހިމެނެ އެވެ.
ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރެއިން އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް އެއް އިސްލާހަކީ ފަނޑިޔާރުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް އޮތް އިސްލާހެވެ. އެއިސްލާހުގައި ވަނީ ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގާ ބޯހިޔާކަމުގެ މަސްރޫޢޫތަކުގެ ދަށުން ދޫކުރާ ބިމާއި ފްލެޓަށް ފަނޑިޔާރުންނަށް ކުރިމަތިލެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށެވެ. މީގެ އިތުރުން ފަނޑިޔާރުންނަށް ލިބިދެވޭ އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ލިވިން އެލަވަންސް ފަނޑިޔާރުންނަށް ލިބިދެވޭ އުސޫލު އިސްލާޙްކޮށް، އެ ލިވިން އެލަވަންސްގެ މިންވަރު ފަނޑިޔާރުންގެ އަސާސީ މުސާރައިގެ 30 ޕަސެންޓަށް ވުރެ މަދު ނުވާނެ އަދަދެއް ކަމުގައި ކަނޑައެޅުމަށް ވެސް ވަނީ އިސްލާހު ހުށަހަޅާފަ އެވެ.
މި އިސްލާހުގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތު ކުރެއްވި ޓުވީޓްތަކެއް ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނުގެ އިސްލާހުގައިވާ ދިރިއުޅޭނެ އަމިއްލަތަނެއް ނެތް ފަނޑިޔާރުންނަށް ދިނުމަށް ކަނޑައަޅާފައިވާ ލިވިން އެލަވަންސަކީ މިހާރު ފަނޑިޔާރުންނަށް ލިބެމުންދާ މުސާރައާއި އިނާޔަތްތަކުން އެއްވެސް މިންވަރެއް އުނިނުވާނެ ގޮތަށް ލިބޭ އެއްޗެއްގެ ގޮތުގައި ހުށަހަޅާފައިވާ އެލަވަންސެއް ކަމަށެވެ.
އަދި ފަނޑިޔާރުން ދިރިއުޅޭ ރަށެއް ނުވަތަ ސިޓީއަކުން ގޯތި ނުވަތަ ފްލެޓަށް ކުރިމަތިލުމުގައި އެ ސްކީމެއް ހިންގޭ ރަށް ނުވަތަ ސިޓީއެއްގައި ފަނޑިޔާރު ދިރިއުޅޭނެ ތަނެއް ނެތްނަމަ ކުރިމަތިލެވޭ ގޮތަށް ހަމަޖެއްސުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހު ގެންނަން ހުށަހަޅުއްވާނެ ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ.
މީގެ އިތުން މީގެ އިތުރުން ފަނޑިޔާރުންނަށް ލިބިދެވޭ އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ލިވިން އެލަވަންސް ފަނޑިޔާރުންނަށް ލިބިދެވޭ އުސޫލު އިސްލާހުކޮށް، އެ ލިވިން އެލަވަންސްގެ މިންވަރު ފަނޑިޔާރުންގެ އަސާސީ މުސާރައިގެ 30 ޕަސެންޓަށް ވުރެ މަދު ނުވާނެ އަދަދެއް ކަމުގައި ކަނޑައެޅުމަށް މިހާރު ހުށަހަޅާފައިވާ އިސްލާހަށް ވެސް ބަދަލު ގެނައުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން ގާނޫނަށް އަމަލުކުރަން ފަށާތާ ވަކި މުއްދަތެއްގެ ތެރޭގައި ރިޓަޔާކުރަން ބޭނުންވާ 65 އަހަރުން ދަށުގެ އަދި ކަނޑައެޅޭ ވަކި އުމުރަކަށް ވުރެ މަތީ އުމުރުގެ ފަނޑިޔާރުންނަށް އެ ފުރުސަތު ލިބޭ ގޮތަށް ގާނޫނު އިސްލާހުކުރުމަށް ހުށަހެޅުމަށް ވެސް ނިންމާފަ އެވެ.
ފަނޑިޔާރުންގެ ގާނޫނަށް ބަންޑާރަ ނައިބް ހުށަހަޅާ އިސްލާހުތައް ކޮމެޓީ މަރުހަލާގައި ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ވެސް މިބިލުގައި ފަނޑިޔާރުންގެ ހުރި ކަންބޮޑުވުންތަކަށް ކޮމެޓީ މަރުހަލާގައި ބަދަލު ގެމައުމަށް ގެންނަންޖެހޭ އިސްލާހުތަކަށް ގެނެސް ބިލު މަޖިލީހުން ފާސްކުރުމަށް ކޮމެޓީން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
މިބިލު ދިރާސާ ކުރަމުންދަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީންނެވެ.