ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ސްކޫލް ކުދިންނަށް ބައިސްކަލް ދުއްވުމުގެ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.
މިއީ ދިރާގުން ބާއްވަމުން އަންނަ ތިންވަނަ މަމެން އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް މުބާރާތެވެ. އަދި އެ މުބާރާތުގައި ބައިވެރިވާން ރަޖިސްޓްރީކުރަން މިހާރު ވަނީ ހުޅުވާލައިިފަ އެވެ.
އެ މުބާރާތުގައި ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ވެސް ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
މި އަހަރު މި މުބާރާތް ކުރިއަށްދާނީ މި މަހު 17 ވަނަ ދުވަހު ހުޅުމާލޭ ފޭސް 2 ގައި އޮންނަ ސައިކްލިން ޓްރެކްގައެވެ. އަދި ރަޖިސްޓްރީވުމުގެ ފުރުސަތު މިމަހުގެ އަށަކާއި ހަމައަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.
ދިރާގުން ބުނީ ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓާ ކުރުމަށް ފޯމު އެ ދަރިވަރުންނަށްފޯރުކޮށް ދޭނީ އެ ދަރިވަރަކު ނިސްބަތްވާ ސްކޫލްއަކުންނެވެ. އަދި މި ފޯމު ދިރާގާއި ބައިކް މޯލްޑިވްސްގެ ސޯޝަލް. މީޑިއާ އިން ވެސް ލިބޭނެ ކަމަށެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތުގެ 10 އިވެންޓެއް ކުރިއަށް ދާނެ އެވެ.
- 11 އަހަރުން ދަށުގެ އުމުރުފުރާ – 1000 މީޓަރުގެ ފަން ރައިޑް
- 13 އަހަރުން ދަށުގެ އުމުރުފުރާ - 200 މީޓަރުގެ ސްޕްރިންޓް (އަންހެން / ފިރިހެން)
- 13 އަހަރުން ދަށުގެ އުމުރުފުރާ - 1000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)
- 15 އަހަރުން ދަށުގެ އުމުރުފުރާ - 200 މީޓަރުގެ ސްޕްރިންޓް (އަންހެން / ފިރިހެން)
- 15 އަހަރުން ދަށުގެ އުމުރުފުރާ - 1000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)
- 17 އަހަރުން ދަށުގެ އުމުރުފުރާ - 200 މީޓަރުގެ ސްޕްރިންޓް (އަންހެން / ފިރިހެން)
- 17 އަހަރުން ދަށުގެ އުމުރުފުރާ - 3000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)
- 19 އަހަރުން ދަށުގެ އުމުރުފުރާ - 200 މީޓަރުގެ ސްޕްރިންޓް (އަންހެން / ފިރިހެން)
- 19 އަހަރުން ދަށުގެ އުމުރުފުރާ - 3000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)
3000 މީޓަރުގެ ޓީމް ފާސޫޓް
ދިރާގުން ބުނިގޮތުގައި އޭގެ އިތުރުން 1000 މީޓަރުގެ ފަން ރައިޑް ފިޔަވައި ވާދަވެރި ކޮންމެ ކެޓަގަރީ އަކުން ވެސް ތިން އަންހެން އަދި ފިރިހެން ނަސީބުވެރިން ހޮވާނެ އެވެ.
އެ މުބާރާތާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ދިރާގުގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ އެސިސްޓެންޓް މެނޭޖަ ބްރޭންޑް ނާޔާ ޝަރީފް ވިދާޅުވީ އެ ހަރަކާތް ކުރިއަށް ގެންދިއުމުގައި ޑިވެލޮޕްމަންޓް ޕާޓްނަރެއްގެ ގޮތުގައި ބައިކް މޯލްޑިވްސް އަށް އެއްބާރުލުން ދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އުންމީދަކީ މިފަދަޓޯނަމަންޓް ތަކުން ސްކޫލް ކުދިންގެ މެދުގައި ބައިކް ކުރުމުގެ ޝައުގުވެރިކަން އިތުރުވެ، ޅައުމުރުގައި ދުޅަހެޔޮ، ދެމެހެއްޓެނިވި ދިރިއުޅުމެއް ގެ މުހިންމުކަން އެކުދިންނަށް އިނގިގެންދިއުން،" ނާޔާ ވިދާޅުވި އެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ތިމާވެއްޓަށް އީޖާބީ ގޮތެއްގައި އެހީތެރިވެދޭ އިވެންޓްތަކަށް އެއްބާރުލުންދީ، އިވެންޓްތައް ރާވައި، މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް، ސްކޫލް ކުދިންގެ ތަޖުރިބާތައް އިތުރުކުރުމަށެވެ.