ސަރުކާރުގެ އެއްވެސް ވެބްސައިޓަކަށް ވަނުން މިހާރު އެއްވެސް ރައްކާތެރި ނޫން ކަމަށް މިސަރުކާރުގެ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.
ކުރީގެ މިނިސްޓަރު މަލީހު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ އެއްވެސް އޮފީހެއްގެ ވެބްސައިޓަށް ވަނުން މިވަގުތު ރައްކާތެރި ނޫން ކަމަށެވެ. ސަރުކާރުގެ ވެބްސައިޓަކަށް ވަދެ ފިތާލެވޭ ލިންކްއަކުން، ޑައޮންލޯޑް ކުރެވޭ އެއްޗަކުން ނުވަތަ ސާރޗްކުރެވޭ މައުލޫމާތަކުން ތަހުގީގުކޮށް ޖަލަށް ލުމުގެ ބިރު އޮތް ކަމަށް މަލީހް ވިދާޅުވި އެވެ.
ރައީސް ސޯލިހުގެ ސަރުކާރަކީ، ގަދީމީ ސަރުކާރެއް ކަމަށް ވެސް މަލީހު ސިފަ ކުރެއްވި އެވެ.
ދާދި ފަހުން "ދިޔަރެސް" ނޫހުގެ ނޫސްވެރިޔާ އަހުމަދު އަޒާން ވަނީ އައިޖީއެމްއެޗްގެ ޕޭޝަންޓުލޮގަށް އަން އޮތޮރައިޒްޑް އެކްސަސްވެ، ދައުލަތުގެ އެންމެ އިސް ފަރާތްތަކުގެ މެޑިކަލް މައުލޫމާތު ހޯދައި ލީކުކޮށްލި ކުށުގެ ތުހުމަތުގައި ފުލުހަށް ހާޒިރުކޮށްފަ އެވެ.
އަޒާންގެ މައްޗަށް ކުރި ތުހުމަތު ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޮ ޚައިބަރު ނަސީމަށް ވެސް ފުލުހުން ކުރެއެވެ. ޚައިބަރު ވެސް ފުލުހަށް ހާޒިރުކޮށް ސުވާލު ކޮށްފައިވެ އެވެ.
މީގެ އިތުރުން މަލީހު ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔާ ޓްވީޓް ކުރައްވާފަ އެވެ.
މަލީހު ވިދާޅުވީ، އެމްޑީޕީއިން މަކަރު ނުހަދާ ޕްރައިމެރީއެއް އަދި އެތެރޭގެ އިންތިހާބެއްވެސް މިހާތަނަށް ރައްޔިތުންނާއި ހިސާބަށް ފޯރުކޮށްދެވިފައިނުވާ ކަމަށެވެ. އަދި ރައީސް ނަޝީދު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކޮށްފާނެކަމުގެ ބިރު ހީވުމާއި އެކު، ރައީސް ސާލިހާއި، އެ މަނިކުފާނަށް ތާއީދު ކުރާ މީހުން މަސައްކަތްކުރަމުން ގެންދަވަނީ، ރައީސް ނަޝީދުގެ "ވައިހުސްކޮށްލަން" ކަމަށާއި، އެކަމުގައި ހިއްސާވާ "މެޝިނަރީ"ތައް ހުރީ މެކުހައް ޖަހާފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މަލީހު އިތުރަށް ވިދާޅުވީ މިއަދަކީ ވެސް އެމްޑީޕީގެ އޮޅުވާލުމާއި ދޮގާއި މަކަރާއި ހީލަތްތެރިކަން ފަޅާ އަރާނެ ދުވަހެއް ކަމަށެވެ.
"ޖަޒީރާ މެނިފެސްޓޯގެ 93 އިން 99ވަނަ ސޮފްހާގައި މިވެރިން ލިޔެ ރައްޔިތުންނަށް ވަޢުދުވި ގޮތާއި ޚިލާފަތް ވަކާލާތުކުރާ އަޑާއި މަންޒަރު އެމްޑީޕީގެ ކޮންގްރެސްއިން މިއަދު އިވިގެން ދާނެ. ލަދުވެތި،" މަލީހު ވިދާޅުވި އެވެ.
މިއަދުގެ ނިޔަލަށް އެމްޑީޕީގެ ކޮންގްރެސް ކުރިއަށްދާއިރު އެޕާޓީގެ ތެރޭގައި ވަރަށް ބޮޑެތި ހިޔާލު ތަފާތުވުންތައް ވަނީ އުފެދިގެން ގޮސްފަ އެވެ.
އެމްޑީޕީގެ ކޮންގުރެސްއޭ ކިޔާއިގެން ގޮސް ދައުލަތުގެ ވަޒީރުން ވުޒާރާ ތަކުގައި ހުރި ދައުލަތުގެ މައުލޫމާތު ނަހަމަ ގޮތުގައި ފެތުރީ !