އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީ އެތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް ހައްލެއް ހޯދަން ޖެހޭ ކަމަށާއި އެކަމަށް މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިހާރު ސޯސަލް ސެންޓަރުގައި ކުރިއަށްދާ އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ގަރާރެއް ހުށަހަޅާފަ އެވެ. މިގަރާރާއި ގުޅިގެން އެމްޑީޕީ އެތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުން އިތުރަށް ވަނީ ގޯސްވެފަ އެވެ.
އެމްޑީޕީގެ ކޮންގްރެސް ގުޅޭ ގޮތުން މީޑިއާގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކޮންމެ ލީޑަރަކު ވެސް ގައުމުގެ މުސްތަގުބަލާއި ޕާޓީގެ މުސްތަގުބަލަށް ވިސްނަންޖެހޭނެ ކަމަށާއި އެއަށްފަހުގައި ދެބަސްވުމަށް ގޮތެއް ނިންމަންޖެހޭނެ ކަމަށެވެ.
މިހާރު އެމްޑީޕީ އެތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާއެކު ވެސް ކުރިއަށް ދެވޭނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި އުފެދިފައިވާ ހިޔާލު ތަފާތުވުމަށް ހައްލެއް ހޯދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރަށް ކޮންގްރެސްގައި ރަގަޅަށް ބަހުސް ކުރެވި އެކަމަށްވެސް ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ރަނގަޅު ޑިބޭޓެއް އެކަމުގައި މާދަމާ ދާނެ. ކޮންމެ ގޮތެއް ވިޔަސް، ރައީސް ނަޝީދު އެއޮތީ ވަކިގޮތެއް އެ އޮތީ އިއުލާން ކުރައްވާފައި. އަޅުގަނޑަށް ފެންނަ ގޮތް އެ އޮތީ އިއުލާންކޮށްފައި. ދެން އޮންނާނީ ހައްލު ހޯދުން. އަޅުގަނޑުމެން ކޮންމެ ލީޑަރަކު ކޮންމެ މީހަކު ވިސްނަންވާނެ، ގައުމުގެ މުސްތަގުބަލަށް ޕާޓީގެ މުސްތަގުބަލަށް އެއަށްފަހުގައި އަޅުގަނޑުމެން ގޮތެއް ނިންމަންވާނީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އަންނަ ރިޔާސީ އިންތިހާބާ ބެހޭ ގޮތުން ރައީސް ސޯލިހު ވިދާޅުވީ އެއިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނީ ޕާޓީ އެއްކޮށް އޮވެގެން ކަމަށެވެ. މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދިގެން މެނުވީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ކޮންގްރެސްގެ ތެރެއިން ހިޔާލު ތަފާތުވުންތަކަށް ހައްލު ހޯދަން ޖެހޭ ކަމަށާއި މިހާރުވެސް އެންމެންގެ ވިސްނުން އެއް ދިމާލަކަށް ގެންދިއުމަށް މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށެވެ.