އެމްޑީޕީގެ މެމްބަރުން އަދިވެސް ބޭނުން ވަނީ ބަދަލެއް ކަމަށާއި ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުނުކޮށް، އެ ޕާޓީ އަށް ކާމިޔާބު ނުވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ސޯޝަލް ސެންޓަރުގައި އިފްތިތާހުކުރި އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އެ ޕާޓީ މިއަދު އޮތީ ވަރަށް ހައްސާސް ފައްތަރެއްގައި ކަމަށެވެ. ވެރިކަމުގެ ނިޒާމަށް ގެންނަން ޖެހޭ ބަދަލެއް ނެތް ކަމަށް ބައެއް މެމްބަރުން ދެކޭއިރު، އަނެއްބައި މެމްބަރުން ދެކެނީ އަދިވެސް ބަދަލުވާން ޖެހޭ ކަމަށާއި ވެރިކަމުގެ ވައްޓަފާޅި ވެސް ބަދަލު ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީއަކީ މުޅި ރާއްޖެ ބަދަލުކުރި ޕާޓީ ކަމަށާއި އެއީ އަބަދުވެސް ބަދަލުގެ ޕާޓީއެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި މިހާރުގެ ހާލަތު ރަނގަޅު ކުރުމަށް އަނެއްކާވެސް ބަދަލަކަށް ރައްޔިތުން ގޮވަމުން އަންނަ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އިންސާނީ ތޮބިއްޔާތަކީ ބަދަލަށް އެދުން. ޒުވާން ކަމުގެ ޖޯޝަކީ ވެސް ބަދަލެއް އެދުން. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ މިއަދު ލިބޭ އެއްޗަށް ވުރެ ރަނގަޅު އެއްޗެއް ލިބުން. އަޅުގަނޑުމެންގެ ހަޔާތް އުޖާލާ ވާނެ ގޮތެއް ހޯދުން. އެ އުޖާލާ ހަޔާތް ހޯދުމަށް ތަކުރާރުކޮށް ކުރަމުން އައި ކަމަކީ ބަދަލެއް ހޯދުން،" ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ފުރޮޅާލެއްވުމަށް ކެމްޕެއިން ކުރައްވާ ނަޝީދު ވިދާޅުވި އެވެ.

އިންސާނީ ތޮބިއްޔާތަކީ ބަދަލަށް އެދުން. ޒުވާން ކަމުގެ ޖޯޝަކީ ވެސް ބަދަލެއް އެދުން. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ މިއަދު ލިބޭ އެއްޗަށް ވުރެ ރަނގަޅު އެއްޗެއް ލިބުން. އަޅުގަނޑުމެންގެ ހަޔާތް އުޖާލާ ވާނެ ގޮތެއް ހޯދުން. އެ އުޖާލާ ހަޔާތް ހޯދުމަށް ތަކުރާރުކޮށް ކުރަމުން އައި ކަމަކީ ބަދަލެއް ހޯދުން،
ރައީސް ނަޝީދު

އެ ޖަލްސާގައި ނަޝީދު ވިދާޅުވީ ސަރުކާރާއެކު މިއަދު ތިބި އެހެން ޕާޓީތައް މިއަދު ބުރަކޮށް މަސައްކަތް ކުރަމުންދަނީ ރިޔާސީ އިންތިހާބަށް ކަމަށެވެ. އެހެންކަމުން ރިޔާސީ އިންތިހާބު އަންނައިރު އެހެން ޕާޓީތައް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާއެކު ނުތިބޭނެ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ކާމިޔާބު އޮތީ ހުރިހާ މެމްބަރުން އެކުގައި ތިބެވޭނެ ގޮތައް ކަންކަން ކުރިއަށް ގެންދެވުމަށެވެ. އަދި ނުސީދާކޮން އެމަނިކުފާނު ވަނީ ރާއްޖޭގެ އޮތުމަށް ބޭނުންވާ ވެރިކަމުގެ ނިޒާމަކީ ކޮބައިތޯ ވޯޓަކަށް ގޮސްގެން ނޫނީ ޕާޓީގެ ހުރިހާ މެމްބަރުން އެކުގައި ނުބޭތިއްބޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނު އެކަމަށް އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެކަމަށް އެދިވަޑައިގަތެވެ.

"އަޅުގަނޑުމެން އެކު އެކީގައި ތިބެގެން އިންތިހާބަށް ކުރިމަތި ނުލެވިއްޖެ ނަމަ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެނަށް ލިބެން އޮތް އެތި ވަރަށް ކުޑަވެގެންދާނެ. އެހެން ކަމުން އިއްޒަތްތެރި ރައީސް، ރައީސް އަރިހުން މިރޭ އެދެނީ މި ޕާޓީގެ ހުރިހާ މެމްބަރުން އެކީގައި ވަޑައިގެންނެވޭނެ. އެ މަގުން ނޫން ގޮތަކަށް އަޅުގަނޑުމެނަށް ކާމިޔާބު ހޯދޭކަށެއް ނެތް." ނަޝީދު ވިދާޅުވި އެވެ.

ޕާޓީ އުފެދިގެން އައި އެންމެ ބޮޑު ފަލްސަފާއަކީ ރައްޔިތުންގެ ވަކީލުންނަށް ކަންކަން ނިންމޭނެ ގޮތައް ކަންކުރުން ކަމަށް ވިދާޅުވެ އެމްޑީޕީގެ ކަންކަން ރޭވިފައި އޮތީ ބަރުލަމާނީ ނިޒާމަކަށް ކަމަށް ނަޝީދު ފާހަގަ ކުރެއްވި އެވެ. އަދި ރާއްޖޭގައި އޮތުމަށް އެންމެ މުހިންމީ ރިޔާސީ ނިޒާމެއް ކަމަށް ކަނޑައެޅުނީ ސައްހަ ނޫން ވޯޓަކުން ކަމަށް ދޭހަވާ ގޮތައް މިރޭވެސް އެމަނިކުފާނު ވާހަކަފުޅު ދެއްކެވި އެވެ.

ޕާޓީގެ ބައެއް މެމްބަރުން އެދެނީ ބަރުލަމާނީ ނިޒާމެެއް ގެނައުމަށް ކަމަށާއި އެހެން ކަމުން ޕާޓީގެ އާއްމު މެމްބަރުންގެ ވިންދާ ރޫހަށް ގޮންޖަހާ ހޯދޭނެ ކާމިޔާބީއެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ހުރިހާ މެމްބަރުން އެކުގައި ތިބޭނެވޭނެ ގޮތް ނޫން ގޮތެއްގައި އަޅުގަނޑުމެނަށް ކާމިޔާބު ހޯދެން ނެތްކަން އަޅުގަނޑަށް ޔަގީން ކަށަވަރު. މި ޕާޓީގެ ހުރިހާ މެމްބަރުންވެސް ޔަގީންކޮށް ކަށަވަރުކުރާނެ،" ނަޝީދު ވިދާޅުވި އެވެ.