ވެރިކަމުގެ ނިޒާމު ބަރުލަމާނީއަކަށް ބަދަލުކުރުމަށް ފުރުސަތު ނުދެއްވާ އެކަމާ ދެކޮޅު ހަދާނަމަ ރައީސް ސޯލިހަށް ލިބިވަޑައިގަންނަވާނީ 27 ޕަސެންޓް ވޯޓު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ހިސާބު ޖަހަނީ ސިޔާސީ ހަގީގަތަށް ބަލައިގެން ކަމަށެވެ. އަދި އޮނިގަނޑުގެ ބަދަލާއި ނިޒާމީ ބަދަލު ނުގެނެވިއްޖެނަމަ އެމްޑީޕީގެ މެންބަރުންގެ ތެރެއިން 42 ޕަސެންޓް މެންބަރުން ސަރުކާރަކަށް ވޯޓެއް ނުދޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އެއީ 47،000 މީހުން. އެއްކަލަ 112،000 ހުން މި 47،000 ނެގީމަ ބާކީ ސަރުކާރަށް އޮތީ 65،000 ވޯޓް. އެއީ ޖުމްލަ ވޯޓްލާ މީހުންގެ 27 ޕަސެންޓް ވޯޓް. މިއީ ވިޔަ އަކުރުގެ ބޮޑު ހަގީގަތެއް. ހިސާބުން ވަަރަށް ސާފުކޮށް ފެންނަން އޮތް ބޮޑު ހަގީގަތެއް،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކަށް 135،000 މީހުން ވޯޓްދިން އިރު އޭގެ ތެރެއިން ލައްކައަށްވުރެ ގިނަ ރައްޔިތުންނަކީ އެމްޑީޕީއަށް ވޯޓް ދިން މީހުން ކަމަށެވެ. ދެން ހިމެނެނީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު އަދި އެމްއާރްއެމަށް ވޯޓް ދިން މެންބަރުން ކަމަށެވެ. އެހެންކަމުން އެމްޑީޕީ އެކަނި އޮވެ ނިކުތަސް ރާއްޖޭގައި އެންމެ ގިނަ ވޯޓް ހޯދާނީ އަދިވެސް އެ ޕާޓީން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރުމަށް ރައީސް ނަޝީދު ތަކުރާރުކޮށް މަސައްކަތް ކުރައްވަމުންދާއިރު ނިޒާމު ބަދަލު ކުރުމާއި ދެކޮޅުކަން ރައީސް ސޯލިހުވަނީ ހާމަކޮށްފަ އެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާއި ވަޒީރުން ވެސް ގެންދަވަނީ ބަރުލަމާނީއާއި ދެކޮޅުކަން ހާމަކުރަމުންނެވެ.