އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މާލެ މަގުމަތީގައި ޕާކުކުރަން ދަތިވާ ގޮތަށް ބަހައްޓާފައި ހުންނަ ޕެލެޓާއި އެހެނިހެން ތަކެތި ބަހައްޓާނަމަ ޖޫރިމަނާކުރާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
ސިޓީ ކައުންސިލުން ބުނީ ޕެލެޓް ނެގުމުގެ މަސައްކަތް އެ ކައުންސިލުން މިހާރު ވެސް ކުރަމުން އަންނަ ކަމަށާއި ކައުންސިލާއި ފުލުހުން ގުޅިގެން ތައާރަފުކުރި ޕޮލިސް ކޮންސްޓެބިއުލަރީ ފޮނުވައިގެން ވެސް މީހުންނަށް ނަސޭހަތްދީ، ޕެލެޓް ނަގާފައިވާ ކަމަށެވެ.
ޕެލެޓް ނެގި ނަމަވެސް ބައެއް ފަރާތްތަކުން އަލުން ޕެލެޓް ބަހައްޓާކަން ފާހަގަ ކުރެވިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.
ސިޓީ ކައުންސިލުން ބުނީ އެކަމަށް ހައްލެއް ގެނައުމަށްޓަކައި އަންނަ މަހުގެ އެކަކުން ފެށިގެން މަގުމަތީގައި ޕެލެޓް ބަހައްޓާ ފަރާތްތައް ޖޫރިމަނާކުރަން ނިންމާފައިވާކަމަށެވެ. ނަމަވެސް ޖޫރިމަނާކުރާނެ އަދަދެއް ހާމައެއް ނުކުރެ އެވެ.
މާލޭގެ އެކި މަގުތަކުގައި ޕާކު ނުކުރެވޭ ގޮތަށް އަދި ގުދަން ފަދަ ތަންތަނުގެ ކުރިމަތީގައި ޕެލެތް ބަހައްޓައި ބްލޮކު ކުރާތީ އާންމުންގެ ޝަކުވާ އިތުރުވެފައި ވަނިކޮށް، ސިޓީ ކައުންސިލުން ޕެލެޓްތައް ނެގުމުގެ މަސައްކަތް ފެށީ މިދިޔަ މާޗު މަހު އެވެ. އެގޮތުން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 1300 އަށްވުރެ ގިނަ ޕެލެޓް ސިޓީ ކައުންސިލުން މަގުތަކުން ނެގި އެވެ.