ވެރިކަން ހިންގުމުގެ ނިޒާމް ތަކަށް ބަލާއިރު ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ކަމަށާއި ނަމަވެސް ރާއްޖެއަށް އެ ނިޒާމް ކަމަކު ނުދާކަމަށް އިދިކޮޅު ލީޑަރ އަދި ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ.
ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްވި ހަތަރު ގަޑިއެއްހާއިރުގެ އިންޓަރވިއުގައި ރައީސް ޔާމީން ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ތާޢީދު ކުރެއްވިޔަސް ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެންނަން ތާއީދު ނުކުރައްވާ ކަމަށެވެ. އެ ނިޒާމުގައި ގިނަ މައްސަތަކެއް ހުރި ކަމަށާއި ސަރުކާރުގެ ސްޓްރެޓެޖީތައް މިފަދަ ކުޑަ ގައުމަކަށް ވަރަށް މުހިންމު ކަމަށެވެ.
ބަރުލަމާނީ ނިޒާމެއް ގެންނަން ނަޝީދު މަސައްކަތް ކުރެއްވި ނަމަވެސް ނަޝީދު ގެންގުޅުއްވަނީ އިސްލާމީ ވެއްޓަށް ފެތޭ ޑިމޮކްރެސީއެއްނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ރާއްޖޭގައި އޮންނަން ޖެހޭނީ އިސްލާމީ ހަމަތަކަށް ފެތޭ ޑިމޮކްރަސީއަކަށްވާއިރު، އެމަނިކުފާނުގެ ފިކުރާއި ނަޝީދުގެ ފިކުރާއި ތަފާތު އެކަމުގައި ތަފާތު ކަމަށްވެސް ވިދާޅުވި އެވެ.
"އެބަހުރި ފަންޑަމެންޓަލް ބޮޑެތި އިޝޫސްތައް. ރައީސް ނަޝީދުގެ ފިކުރާ އަޅުގަނޑުމެންގެ ފިކުރާ ވަރަށް ތަފާތު. އެހެންވީމަ ގަބޫލެއް ނުކުރެވޭ އަޅުގަނޑުމެންގެ ފިކުރު އެއްގަލަށް އަރާފާނެ ކަމަކަށް. އެހެންވީމާ އެފިކުރުތައް އެއްގަލަށް ނާރާ ކަމަށްވަންޏާ އަޅުގަނޑުމެން ދެބައި މީހުން އެކުގަ މަސައްކަތްކުރާ ތަނެއް ފެންނާނެ ކަމަކަށް އަޅުގަނޑަށް ނުވެއް ވިސްނޭ،" ޔާމީން ވިދާޅުވި އެވެ.
ބަރުލަމާނީ ނިޒާމް ގެންނަން ގާނޫނު އިސްލާޙް ކުރާކަށް ތާއީދެއް ނުކުރައްވާ ކަމަށާއި އަދި ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކީ ރައްޔިތުން ނިންމަން ޖެހޭ ނިޒާމެއްކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.