އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ދަމާފައިވާ ބެނާއަކުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ ސަބަބު ފުލުހުންނަށް ބުނެ ނުދެވޭ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ހައިކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީނުގެ ގެކޮޅުގައި ހަރުކޮށްފައިހުރި އިންޑިއާ އައުޓް ބެނާ ނެގުމަށް ފުލުހުން ބޭނުންކުރި ކޯޓު އަމުރު ހައިކޯޓުގައި އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފުކުރެއްވި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި މިއަދު އެމަނިކުފާނުގެ ވަކީލު އަބްދުﷲ ޝިޔާޒު މިއަދު ހައިކޯޓުގައި ފާހަގަކުރައްވާފައިވަނީ މި މާއްދާ އަމަލެއްގެ މައްޗަށް ތަތުބީގުކުރުމަށް ޝަރުތުތަކެއް ފުރިހަމަވާން ޖެހޭ ކަމަށެވެ.
މި މާއްދާގައި ބުނެފައިވާ ޖާއިޒު ނޫން މަގްސަދަކީ، ކޮބައިކަން ގާނޫނުލް އުގޫބާތުގެ ކޮމެންޓަރީން އެނގޭ ކަމަށެވެ. އެ ކޮމެންޓަރީއަށް ބަލާއިރު އެއީ ގާނޫނުގައި ހުއްދަނުކުރާ މަގުސަދެއް ހާސިލުކުރުންކަން އެނގޭ ކަމަށާއި، މިސާލަކަށް ބައިވަރު މީހުން އެއްވެ ތިބި ތަނެއްގައި ކުއްލިއަކަށް އެ ތަނުގައި ގޮވާ ޒާތުގެ އެއްޗެއް އެބައޮތްކަމަށް ބުނުންފަދަ ކަންކަން ކަމަކީ މި މާއްދާގެ ތެރެއަށް ވަންނަ ކަންކަންކަން އެނގޭ ކަމަށް ޝިޔާޒު ވިދާޅުވި އެވެ. އަދި ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއްގެ ބޭނުން ހިފުމަކީ ޖާއިޒު ނޫން މަގްސަދެެއް ހާސިލުކުރުން ކަމަށް މާނަނުކުރެވޭނެކަން ފާހަގަކުރައްވަމުން ޝިޔާޒު ވިދާޅުވީ، މި މާއްދާ އަމަލަކަށް ތަތުބީގުވުމަށް އެ އަމަލަކީ، ނުރައްކާތެރި، ނުވަތަ މާއްދީ ގޮތުން ހުތުރު، ނުވަތަ މީހުން ބިރު ގަންނަ ފަދަ ހާލަތެއް އުފެއްދުމުގެ އަމަލެއް ކަމުގައިވުން ލާޒިމުވާއިރު، އެއިން އެއްވެސް ސިފައެއް "އިންޑިއާ އައުޓް" ބެނާއެއްް ހަރުކުރުމުގައި އެކުލެވިގެންނުވާ ކަމަށެވެ. އެއީ ސަރުކާރުން ވަކި ކަމެއް ވަކި ގޮތަކަށް ކުރަން ގޮވާލާ ގޮވައިލުމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަދި ފުލުހުން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކާއި ގުޅިގެން އެއްވެސް ސާބިތު ހެއްކެއް ނެތި އެމަނިކުފާނުގެ މުދަލުގެ މިނިވަންކަމުގެ ހައްގަށް އަރައިގެންފައިވާ ކަމަށް ވެސް ޝިޔާޒް ވިދާޅުވި އެވެ.
އަޑުއެހުމުގެ ވަގުތު ހަމަވުމުގެ ސަބަބުން މިއަދުގެ އަޑުއެހުމުގައި ދައުލަތުން ދައުވާއަށް ޖަވާބުދާރީވެފައެއް ނުވެ އެވެ. އަޑުއެހުމުގައި ފުލުހުންގެ އިސްވެރިން ވެސް ބައިވެރިވި އެވެ.