ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅައި، ސުލްހަވެރި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރާތީ އިންސާނީ ހައްހުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއެއްކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ޖަމްއިއްޔާއިން ކޮށްފައިވާ ޓުވީޓެއްގައި ބުނަފައިވަނީ "އިންޑިއާ އައުޓް" ކެމްޕެއިންގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާފަދަ އަމަލުތައް ހިފެހެއްޓުމުގެ ނަމުގައި ރައީސްގެ ގަރާރަކުން ރާއްޖޭގައި މުޒާހަރާކުރުމުގެ ހައްގު ހަނިކުރުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އެގޮތުން ސުލްހަވެރި މުޒާހަރާކުރާ ފަރާތްތަކާއި ނޫސްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފައި ވާތީ އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެެވެ. އަދި ސުލްހަވެރިކަމާއެކު މުޒާހަރާ ކުރުމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު އެއްވެސް ވަރަކަށް ހަނިކުރާނަމަ، އެކަން ކުރަނީ ގަނޫނާ އެއްގޮތަށްތޯ ޔަގީން ކުރުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް އެ ޖަމިއްޔާއިން އިލްތިމާސްކޮށްފައިވެ އެވެ. އަދި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރުން ކުށްވެރިކޮށް، ވަކި ފަރާތަކަށް ނުޖެހި އެކަން ތަހުގީގު ކުރުމަށްވެސް އެމްނެސްޓީން ގޮވާލައިފައިވެ އެވެ.
އެމްނެސްޓީން މިހެން ގޮވާލާފައިވާއިރު ދިވެހިރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ރޭ އިދިކޮޅުން ހިންގި ސުލްހަވެރި މުޒާހަރާގެ ތެރެއިން އަންހެން ކުއްޖެއްގެ ފަހަތުން އެމްއެންޑީއެފްގެ ފިރިހެން އޮފިޝަލެއް ދުވާތަން ފެންނަ ވީޑިއޯގެ ސަބަބުން އެތައް ބަޔަކު އަންނަނީ ނުރުހުން ފާޅުކޮށް ސިފައިންނަށް ފާޑުކިޔަމުންނެވެ. 19 އަހަރުގެ މި އަންހެންކުއްޖާއަށް ރޭ ނޭވާނުލެވުމުގެ ސަބަބުން އައިޖީއެމްއެޗްއަށް ގެންގޮސްގެން ވަނީ ފަރުވާ ދީފައެވެ. މީގެ އިތުރުން އޭގެ ކުރީރޭގައިވެސް މުޒާހަރާއަށް ނުކުތް މަދު ބައެއްގެ ލޮލާ ދިމާކޮށް ޕެޕާ ސްޕެރޭ ޖަހާ، ދެ މީހަކު ހޭނެތިގެން އޭޑީކޭގައި ވަނީ ފަރުވާދީފަ އެވެ.