ހުޅުމާލޭ ހަތް ބިމެއްގައި މިކްސް ޔޫސް އެޕާޓްމަންޓް ބިލްޑިންތަކެއް އަޅައިދޭނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިއުލާންކޮށްފި އެވެ.
މިޓަވަރުތަކުގައި ތަރައްގީކުރާ ފްލެޓްތައް އިމާރާތްކުރަނީ މެދު ފަންތީގެ އާމްދަނީ ލިބޭ މީހުންނަށް އަމާޒުކޮށް ކަމަށް އެޗްޑީސީން ބުނެ އެވެ.
އެޗްޑީސީން ހުޅުވާލި މިކްސް ޔޫސް އެޕާޓްމަންޓްތައް އަޅަނީ ހުޅުމާލޭ ފޭސް 1ގަ އެވެ. މި ހަތް ބިމުގެ ތެރޭގައި ހިމެނެނީ 26،400 އާއި 34،300 އަކަފޫޓާ ދެމެދުގެ ބިންތަކެވެ. އެގޮތުން ހުޅުމާލެ ފޭސް އެކެއްގެ ވެމްކޯ ކުނިކޮށި ކައިރިން އެޕޯލޯ ޓަވަރުތަކާއި ޖެހިގެން ފިތުރޯނު މަގާއި ކުރެދިމާ ހިނގުން ގުޅޭ ކަންމައްޗަށް ވާ ގޮތަށް އޮތް ހަތަރު ބިމަކާއި ސެންޓްރަލް ޕާކު ކައިރިން ރެއިންކްރެސްޓް ޓަވަރުތަކުގެ ކުރިމައްޗަށް ރީތިގަސްމަގަށް ވާ ގޮތަށް އޮތް ތިން ބިމެއް ތަރައްގީކުރަން ވަނީ ހުޅުވާލައިފަ އެވެ.
އެޗްޑީސީއިން ނެރުނު އިއުލާނެއްގައި ބުނީ މިތަންތަނުގައި އަޅަންޖެހޭނީ ދެ ކޮޓަރިއާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެއް ކަމަށެވެ. އެގޮތުން ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގައި 700 އަކަފޫޓު ހުންނަންޖެހޭއިރު ތިން ކޮޓަރީގެ ތަންތަނުގައި 900 އަކަފޫޓު ހުންނަން ޖެހޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
މިތަންތަން އަޅަނީ 14 ފަންގިފިލާއަށެވެ. އެ އިމާރާތްތަކުގެ ތިރި ހާއްސަކުރާނީ ވިޔަފާރީގެ ބޭނުމަށެވެ.
މިތަންތަން އިމާރާތްކުރަން އެއްފަރާތަކަށް ޕްރޮޕޯސަލް ހުށައެޅޭނީ އެންމެ ގިނަވެގެން ވެސް ތިން ބިމަކަށެވެ. އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 24 ވަނަ ދުވަހު އޮންލައިންކޮށް ޕްރީ ޕްރޮޕޯޒަލް ބައްދަލުވުމެއް ބާއްވާނެ އެވެ. އެޗްޑީސީގެ ހާއްސަ ޕޯޓަލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ޖޫން 6 އިން ފެށިގެން އެ މަހުގެ 23ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.
އެ އިމާރާތްތަކުން ދެ ކޮޓަރީގެ އެޕާޓްމެންޓްތަކުގެ 60 ޕަސެންޓް ތަންތަނުގެ އަގު ހުންނާނީ 1.5 މިލިއަން ރުފިޔާގަ އެވެ. އަދި ތިން ކޮޓަރީގެ ތަންތަން 2.5 މިލިއަނަށް ވުރެ ބޮޑު އަގުގައި ވިއްކައިގެން ނުވާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
މި ހަތް ބިމުގައި އަޅާ އިމާރާތްތަކަކީ ތިން އަހަރު ދުވަސް ތެރޭ ނިންމައި ހަވާލުކުރަން ޖެހޭނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންނެވެ. އެގޮތުން ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ހައުސިން ޔުނިޓްތައް ތަރައްގީކުރާއިރު، މާލެ ސަރަޙައްދުގައި ފްލެޓްތަކެއް އެޅުމުގެ މަސައްކަތް ކުރަން ވަނީ ފަށައިފަ އެވެ. އަދި ގުޅިފަޅާއި ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ދޫކުރުމަށް ވެސް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.