އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ފައްޔާއަށް ތާއީދުކުރީ ވަޒީފާގެ އެދުމުގައި ކަމަށް ވިދާޅުވެ ރައީސް ނަޝީދު ނުރުހުން ފާޅުކުރައްވައިފި އެވެ.

ރައީސް ނަޝީދާއެކު ވަރަށް ގާތުން މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށްވާ ޝައުނާ ފައްޔާއަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓު ކުރެއްވި މެސެޖާ ގުޅިގެން އެކަމާ ކޯފާ އިސްކުރައްވާ ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީއަކީ ކޮބައިކަން ބަޔާންކޮށްދެއްވުމަށް މަސައްކަތްނުކުރެއްވުމަށެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ މިނިސްޓަރު ޝައުނާގެ އަމިއްލަ ވަޒީފާގެ ބޭނުންފުޅަށް، ފަހިވާ ގޮތަށް އެމްޑީޕީއަކީ ކޮބައިކަން ބަޔާންކުރައްވަން ނޫޅުއްވުމަށާއި އެމްޑީޕީގެ އާންމު މެންބަރުންނަށް އެ ޕާޓީއަކީ ކޮބައިކަން ވަރަށް ސާފުވާނެ ކަމަށެވެ.

ޝައުނާ ފައްޔާއަށް ތާއީދުކުރައްވާފައިވަނީ މިނިސްޓަރު ކަމުގައި ހުންނަވަން ބޭނުންފުޅުވާނަމަ، 14 މޭގައި އޮންނަ އެމްޑީޕީގެ ޗެއާޕާސަން ހޮވާ އިންތިހާބުގައި ފައްޔާޒު އިސްމާއީލަށް ތާއީދުކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ޝައުނާއަށް އަންގަވާފައިވަނިކޮށް ކަމަށް މައުލޫމާތު ލިބެ އެވެ.