އެކި ސަރަހައްދުތަކުގައި ދަމާފައިވާ އިންޑިއާ އައުޓް ބެނާތައް ނުނަގާނެ ކަމަށާއި ބެނާތައް އިތުރަށް ހަރުކުރާނީ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް(އަދުރޭ) ވިދާޅުވެއްޖެ އެވެ.
އަދުރޭ މިހެން ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު އިންޑިއާ އައުޓް ބެނާތައް ނެގުމަށް ގޮވާލުވާ ގުޅިގެނެވެ.
ރައީސް ޔާމީންގެ ގެކޮޅުގައި އިންޑިއާ އައުޓް ޖަހާފައިވާ ބޮޑު ބެނާއެއް ދެމުމުން އެއީ ގާނޫނުލް އުގޫބާތާ ހިލާފްކަމެއް ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
އެކަމަށް ރައްދު ދެއްވާ އަދުރޭ ވިދާޅުވީ އިންޑިއާ އައުޓް ބެނާ ދެމުން ނުހުއްޓުވޭނެކަމަށެވެ. އަދި ގޭގޭގައި އިންޑިއާ އައުޓް ބެނާދެމުން ދާނީ އިތުރަށް ކުރިއަށްކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ މި ބެނާތައް ދަމާ ގޭގެ ދާނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނޭ. ހަމައެކަނި މާލެއަކު ނޫން މިކަން ހިނގާނީ. ރާއްޖޭގެ ހުރިހާ ދިމާއެއްގައި އެކަން ކުރާނެ. އިންޑިއާ އައުޓް ހަރަކާތް ދާނީ އެކި ސިފަ ސިފާގައި ކުރިއަށް،" އަދުރޭ ވިދާޅުވި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން މި ހަރަކާތް ފަށާފައިވާއިރު، ޔާމީން ޖަލުން މިނިވަންވުމަށްފަހު މި ހަރަކާތް ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.
އެގޮތުން ޖަލުން މިނިވަންވެ ވަޑައިގަތުމަށްފަހު އެމަނިކުފާނު ދިޔައީ އަތޮޅުތެރޭގެ ރަށްތަކަށް ވަޑައިގެން އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލަމުންނެވެ. ހަމައެހެންމެ، މި ހަރަކާތުގައި ބައިވެރިވެ، ގައުމުގެ ދިފާއުގައި އެންމެހައި ރައްޔިތުން ނިކުތުމަށް އެމަނިކުފާނު ގޮވާލާފައިވެ އެވެ.
ރައީސް ޔާމީން ވިދާޅުވާގޮތުގައި އިންޑިއާ އައުޓް ހަރަކާތަކީ، ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތަށް ނުރައްކާ އޮތް ކަމެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ބާރު އޮތުމުން، އިންޑިއާ އައުޓް ހަރަކާތެއް ހުއްޓުވަން ގާނޫނެއް ހެދިނަމަވެސް، ދިވެހި ފަސްގަނޑުގައި އިންޑިއާ ސިފައިން ތިބުމަކީ ދިވެހި ރައްޔިތުން އެންމެ އެދޭނެ ގޮތެއް ނުންކަމުގައި ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.