ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ސިޔާސީ ބާރުވެރިކަން ފޯރުވުމަށް އެތަނުގައި މަޖިލިސް މެންބަރަކު އިނުން މުހިއްމު ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގު (ޓޮމް) ޖޭއެސްސީގެ ގާނޫނަށް ހުށަހެޅި އިސްލާހާ ގުޅޭ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީގައި މަޖިލިސް ރައީސް އިނުން އުނި ކަމަކަށް ވަނީ އެއީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ބާރަކަށް ވާތީ ކަމަށެވެ.
"އެހެންނަމަވެސް މަޖިލީހުގެ މެމްބަރުންގެ ތެރެއިން މެމްބަރަކު ޖޭއެސްސީގައި އިނުމަކީ، އެތަނަށް ސިޔާސީ ބާރުވެރިކަން ފޯރަންޖެހޭ މިންވަރަށް ފޯރުމަށް ބޭނުންތެރިކަމެއް،" ނަޝީދު ވިދާޅުވި އެވެ.
ސިޔާސީ ބޭފުޅުންނަކީ ސީދާ ރައްޔިތުން އިންތިހާބު ކުރާ ބައެއް ކަމަށް ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެއިރެއްގައި ރައްޔިތުންގެ ވިންދު ހުރި ގޮތް ތަމްސީލުކުރުމަށް މަޖިލީހުގެ މެމްބަރުން ނޫން ބައެއް ނެތް ކަމަށެވެ.
"ޖޭއެސްސީގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ފަނޑިޔާރުންގެ ކަންކަން ބަލައި ފަނޑިޔާރުންނާ ބެހޭ ގޮތުން ޝަކުވާތައް ބަލައި އެ ފަރާތްތަކާ މެދު އަޅާން ޖެހޭ ފިޔަވަޅުތައް އެޅުން ހިމެނޭ. އަދި ޖޭއެސްސީ އަކީ ގާނޫނުއަސާސީން އުފައްދާފައިވާ ވަކި ފަރާތަކަށް ބުރަ ނުވާ މިނިވަން މުސްތަގިއްލު މުއައްސަސާއެއް ކަމަށްވާއިރު އެ ތަނެއްގައި ގިނަ އަދަދެއްގެ ފަނޑިޔާރުން ތަމްސީލުވުމަކީ މަސްލަހަތު ފުށުއެރުން އެކަށީގެންވާ ކަމެއް. އެހެންކަމުން ޖޭއެސީސީގައި ހިމެނޭ ފަނޑިޔާރުންގެ އަދަދަށް ބަދަލެއް ގެނައުން ބޭނުންތެރި،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ޖޭއެސްސީގައި ބަންޑާރަނައިބު އިންނަވާތީ ކުރިމަތިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީގައި ބަންޑާރަނައިބު އިންނެވުން ބޭނުންތެރި ކަމަށެވެ. ނަަމަވެސް ބަންޑާރަނައިބާ އެކު ރައީސްގެ ދެ މެމްބަރުންނަށް ވުރެ އިތުރު މެމްބަރެއް ޖޭއެސްސީގައި އިނުމުގެ ސަބަބެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޓޮމްގެ ބިލުގައި ބަންޑާރަ ނައިބު ޖޭއެސްސީގައި އިނުން ވެސް ވަނީ އުނި ކުރައްވާފަ އެވެ. ނަމަވެސް ނަޝީދު ވަނީ ބަންޑާރަ ނާއިބު ޖޭއެސްސީގައި އިނުން މުހިއްމު ކަމަށް ވިދާޅުވެފައެވެ.
"އިއްޒަތްތެރި މެމްބަރު [ތޯރިގް] އެބަ ގޮތްތަކެއް ހުށަހަޅުއްވާ. މީހާއަކީ ތެދުވެރިއެކޭ ނުވަތަ ރަނގަޅު މީހަކު ކަމަށް އެކެއްގެ ވެސް ނިއްކުރީގައި ޖަހާފައެއް ނުވޭ. އަބަދުވެސް މީހަކު ކަނޑައެޅެނީ ރައްޔިތުންގެ ތެރެއިން ރުހުން ލިބޭ މީހުންގެ ތެރެއިން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ޖޭއެސްސީން ސިޔާސީ ބޭފުޅުންނާއި ފަނޑިޔާރުން މަދުކުރުމަށް ފަހު އެ ކޮމިޝަންގައި އިތުރަށް ތިބެން ޖެހޭ މެމްބަރުން ކަނޑައެޅުމަށްފަހު ޖޭއެސްސީ އަލުން އެކުލަވާލަން ޖެހޭ ކަމަށް ނަޝީދު ވެސް އެއްބަސްވެވަޑައިގެންނެވި އެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އެކަމަކު އެ ވައުދު ފުއްދިފައެއް ނުވެ އެވެ. އަދި މަޖިލީހަށް މިއަދު ހުށަހެޅި އިސްލާހަށް ވެސް އެމްޑީޕީން ތާއީދެއް ނުކުރެ އެވެ.