ރާއްޖޭގައި މިހާރު ވެރިކަން ކުރަމުން އަންނަ ރިޔާސީ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ތާރީހެއް ކަނޑައެޅުމަށްޓަކައި އެމްޑީޕީގެ ކޮންގްރެސް މި އަހަރުގެ ޖޫން މަހުގެ ކުރިން ބޭއްވުމަށް ގައުމީ މަޖިލީހުގެ މިރޭގެ ބައްދަލުވުމަށް ހުށަހެޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.
ރައީސް ނަޝީދު މިގޮތަށް ނިންމެވިކަން ހާމަކުރެއްވީ މިރޭ ބާއްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ އެޖެންޑާއަށް އެމަނިކުފާނު ހުށަހެޅުއްވި އިސްލާހުތަކުގަ އެވެ.
މި އިސްލާހު ތަކުގެ ތެރޭގައި ރައީސް ނަޝީދު ހުށައަޅުއްވާފައިވާ ކަންކަމަކީ
- މިނިވަން މުއައްސަސާތަކުގެ އަދަދާ އެކުލެވިގެން ވާގޮތަށް ގެންނާން ޖެހޭ އިސްލާހުތައް ކޮންގްރެސްއިން ފާސްކުރުން.
- ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނުއަސާސީގައި ކަނޑައެމަށް ނިންމާ ނިންމުން.
- ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަކީ ޖުމްލަ ވޯޓްގެ 30 އިން ސައްތަ އަށް ވުރެން މަދު ނޫން އަދަދަކަށް ވޯޓް ހޯދާފައިވާ ކެންޑިޑޭޓެއްނަމަ، އެ ކެންޑިޑޭޓްއަކީ މޮޅުވި ކެންޑިޑޭޓްގެ ގޮތުގައި ގާނޫނުއަސާސީގައި ކަނޑައެޅުމަށް ކޮންގްރެސްއިން ނިންމުން.
- ގާނޫންއަސާސީގައި ކަނޑައަޅާނެ ލާކާމަރުކަޒީ އިތުރު އުސޫލްތައް ކަނޑައެޅުން.
- ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި އަދި އެފެންނަ ނުފެންނަ ވޯޓް ނަގާނެ ތާރީހެއް، އަދި ނެގޭ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އާއި އެއްގޮތައް ގާނޫނުއަސާސީގެ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ކޮންގްރެސްއިން އެއްބަސްވުން.
ދާދިފަހުން ނިމިގެންދިޔަ ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި އެމްޑީޕީގެ ކެނޑިޑޭޓަށް %50 ވޯޓު ހަމަ ކުރެވިފައި ނުވާތީ ރައީސް ނަޝީދު ވަނީ ދެން އެމްޑީޕީއަށް ވެރިކަން ލިބޭނެ ހަމައެކަނި ގޮތަކީ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކުރުންކަމަށް ވިދާޅުވެފަ އެވެ.