ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާތީ މާދަމާ އެއާޕޯޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރުމަށް ނިންމައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނީ ރަސްމީ ދަތުރުފުޅެއްގައި މާދަމާ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާތީ ހުޅުލޭ އިންޓަނޭޝަލް ޓަމިނަލްގެ އުތުރު ކަންކަމަތިން ފެށިގެން ކާގޯ ބިލްޑިންގެ ދެކުނު ކަންމައްޗާއި ހަމައަށް އެއްގަމާއި ފަޅުތެރޭގެ ބައެއް ސަރަހައްދުތައް ވަކި ވަގުތުތަކެއްގައި ބަންދުކުރުމަށް ހަމަަޖެހިފައިވާ ކަމަށެވެ. އެގޮތުން މެންދުރު 12:00 އިން ހަވީރު 4:00 އަށް މި ސަރަޙައްދުގެ ފަޅުތެރެއަށް އެއްވެސް އުޅަނދެއް ވަދެނުކުތުން، އަދި ފަޅުތެރޭގައި ބޭއްވުން މަނާވާނެ ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ. އަދި މިވަގުތު ކަނޑު އުޅަނދުފަހަރަށް ބޭނުންކުރެވޭނީ ހަމައެކަނި ހުޅުލޭގެ އެންމެ ދެކުނުގައިވާ ނެރުކަމަށް އެކުންފުނިން ބުނެ އެވެ.
އެމްއޭސީއެލްއިން ބުނީ މެންދުރުފަހު 2.00 އިން ހަވީރު 4.00 އަށް މި ސަރަހައްދުގައި އެއްވެސް ބާވަތެއްގެ ވެހިކަލެއް ދުއްވުން މަނާވާނެ އެވެ. ނަމަވެސް މިވަގުތުތަކުގައި ފުލުހުންގެ އިރުޝާދާއި އެއްގޮތަށް އިންޓަރނޭޝަނަލް ޓާމިނަލްގެ އުތުރު ކަންމަތި (ބޮލިބުރު ކައިރިން) އާންމު އުޅަނދުފަހަރު އަނބުރާލެވޭނެ ކަމަށް ކުންފުނިން ބުނެ އެވެ. އަދި ފުލުހުން އިރުޝާދު ދެއްވާ ގޮތެއްގެ މަތިން މިސަރަހައްދުގައި ހިނގާ އުޅެވޭނެ ކަމަށް ވެސް ކުންފުނިން ބުނެ އެވެ.
މީގެ އިތުރަށް ދުއްވާ އެއްޗެހި ދުއްވުމާއި ހިނގުން ވެސް މުޅިން މަނާވާނެ ވަގުތުކޮޅެއް އަންނާނެ ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ. މިވަގުތުތަކުގައި އެމްއޭސީއެލް ސްޓާފް ބަހާއި އެމްޓީސީސީ ބަސް މަޑުކުރާނީ ވެސްޓަރން ޕާކިން ޒޯނަށް ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.
ހަސީނާ ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މާދަމާ ރާއްޖެ ވަޑައިގަންނަވާއިރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ތަގްރީރުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޗުއްޓީގެ ބޮޑުބައެއްވެސް ރާއްޖޭގައި ހޭދަކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ޝެއިޚް ހަސީނާގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މި އަހަރުގެ މާރޗް މަހު ބަންގްލަދޭޝަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެރުވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.