ޓެރަރިޒަމްގެ މައްސަލަތަކުގައި ކޯޓު އަމުރަކާ ނުލައި 48 ގަޑިއިރަށް މީހުން ބަންދުކުރުމުގެ ބާރު ފުލުހުންނަށް ދީފި އެވެ.
އެ ބާރު ފުލުހުންނަށް ލިބުނީ ޓެރަރިޒަމްގެ ކުށްތައް ތަހުގީގުކުރުމުގައި ދިމާވާ ބައެއް ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް ގާނޫނަށް ގެނައި އިސްލާހުތައް މަޖިލީހުން ފާސްކުރި ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރެއްވުމުންނެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ގެނައި އިސްލާހުތައް މަޖިލީހުން ފާސްކޮށްފައިވަނީ ގާތްގަޑަކަށް ހަތަރު މަސްދުވަހު އެ ބިލް ދިރާސާކުރެއްވުމަށްފަހު އެވެ.
ގާނޫނަށް ގެނައި ބަދަލުތަކުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ދިން މުހިންމު ބާރުތައް:
- ޓެރަރިޒަމްގެ ކުށެއް ކޮށްފި ހިނދެއްގައި، އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ ފަރާތެއް، ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ދިނުން.
- ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވާކަމަށް ތުހުމަތުކުރެވޭ ފަރާތްތައްވެސް ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ދިނުން.
- މިގޮތަށް ހައްޔަރުކުރެވޭ މީހަކު، ކޯޓު އަމުރަކާ ނުލައި 48 ގަޑިއިރަށް ބަންދުގައި ބެހެއްޓުމުގެ ބާރުވެސް ފުލުހުންނަށް ދިނުން.
- މި ގާނޫނުގެ ދަށުން ހައްޔަރުކުރި މީހަކު ހައްޔަރުކުރީ އޭނާގެ އަމިއްލަ ތަނެއްގައި ހުއްޓާނަމަ އެތަން ބަލައި ފާސްކުރުމުގެ ބާރު ވެސް ފުލުހުންނަށް ލިބޭ.
އެހެންނަމަވެސް އެފަދައިން ހިންގާ ބަލައި ފާސްކުރުމެއް، ހަ ގަޑިއިރަށްވުރެ އިތުރުވެގެންނުވާނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ގެނައި އިސްލާހުގައި ވާގޮތުން ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވި މީހަކު ރާއްޖެ އައުމާއެކު، އެމީހަކާއި ގުޅޭ އިންޓެލިޖެންސް ޑީ -ބްރީފިން އެއް ފުލުހުން ހަދަންޖެހޭނެ އެވެ. އަދި ހަނގުރާމަވެރި ސަރަހައްދެއްގައި ދިވެހިރައްޔިތުންނަށް އުފަންވެފައިވާ ކުދިންގެ އުފަންވުން، ކަމާބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ރާއްޖޭގައި ރަޖިސްޓަރީކޮށްފައިނުވާ ނަމަ، އެކުދިން ރާއްޖެއަށް އަނބުރާ އައުމުގެ ކުރިން، އެކުދިންގެ އުފަންވުން ރާއްޖޭގައި ރަޖިސްޓަރީކުރަން ޖެހެނޭ ކަމަށް ވެސް ގާނޫނުގައިވެ އެވެ.
ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ފަހު ރާއްޖެ އަންނަ މީހަކީ ޓެރަރިޒަމްގެ އަމަލެއް ކުރިކަމަށް ނުވަތަ ކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ފަރާތެއް ކަމުގައިނުވި ނަމަވެސް، އެފަދަ ފަރާތަކީ، ޓެރަރިޒަމްގެ ޢަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ފަރާތެއް ކަމުގައި ބަލައި، އެފަރާތެއް މުޖުތަމައަށް އަނބުރާ ރުޖޫއަވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ރީހެބިލިޓޭޝަން އަދި ރީއިންޓަގްރޭޝަން ޕްރޮގްރާމްތައް ފުރިހަމަކުރުމަށާއި، އެފަރާތް އަނބުރާ މުޖުތަމަޢަށް ރުޖޫއަވުމުގެ ކުރިން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި، އިދާރީ ބަންދެއްގައި ބެހެއްޓުމުގެ ބާރު ވެސް ގާނޫނުން ވަނީ ހޯމް މިނިސްޓަރަށް ދީފަ އެވެ. އަދި މިފަދަ މީހުން ބަންދުކުރުމަށް ފިރިހެނުންނަށް ހާއްސަ ބަންދުގެ މަރުކަޒަކާއި އަންހެނުންނަށް ހާއްސަ ބަންދުގެ މަރުކަޒަކާއި ކުޑަކުދިންނަށް ހާއްސަ ބަންދުގެ މަރުކަޒެއް ވެސް ހަދަން މި ގާނޫނު ލާޒިމުކުރެ އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ގެނައި އިސްލާހުން ޓެރަރިޒަމްގެ މައްސަލަތަައް ތަހުގީގުކުރުމަށް ފުލުހުންނަށް ވަނީ ތިން މަސްދުވަސް ދީފަ އެވެ. މީގެކުރިން މި ފަދަ މައްސަލަތަކުގެ ތަހުގީގު 45 ދުވަހުގެ ތެރޭގައި ފުލުހުން ނިންމަންޖެހެ އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް މި ގެނައި އިސްލާހާ ގުޅިގެން މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަސް ތެރޭގައި، ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ރީހެބިލިޓޭޝަން އެންޑް ރީ-އިންޓަގްރޭޝަން ކޮމިޓީ، އެކުލަވާލަންޖެހެ އެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަސްތެރޭގައި، މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހާ ގަވާއިދުތައް ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމަށް ވެސް ވަނީ ކަނޑައަޅުއްވާފަ އެވެ